އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް، އަމިއްލައަށް ކަނޑައަޅާ ގާނޫނުތަކަށް ޢަމަލުކުރުން ކަމުގައި ހުކުތު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ މާތް ﷲގެ ހަޟުރަތުގައި ހަމައެކަނި ދީނަކީ އިސްލާމް ދީންކަމަށް ވިޔަސް، އިސްލާމް ދީނުގެ އަދާވާތްތެރީން އަބަދުވެސް މަސައްކަތްކުރަމުންދަނީ ﷲގެ ދީނުގައި ބާވައިލައްވައިފައިވާ ހުކުމްތަކަށް އިންކާރުކޮށް މާތްވެގެންވާ އިސްލާމް ދީން ނައްތައިލުމަށް ކަމަށެވެ. އަދި މި ދީން ބާރުވެރި ދީނެއްގެ ގޮތުގައި އޮންނާން އެބައިމީހުން ނުރުހޭ ކަމަށެވެ.
"އެބައިމީހުން ބޭނުންވަނީ އެ މީހުންގެ ކޮށި ވިސްނުން މާތް ﷲގެ ޝަރީއަތުގެ މައްޗަށް އިސްކުރުމަށެވެ. މިއަދު އިސްލާމް ދީނާ ދެކޮޅު ބައެއް މީހުން ދެކޭ ގޮތުގައި މުސްލިމުން ބޭނުންވާ ނަމަ، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އެ މީހުން ހަދައިފައިވާ ޤާނޫނުތައް އިސްކުރެވިދާނެއެވެ."
މީގެއިތުރުން އެ މީހުން މީސްތަކުންނަށް ވިސްނައިދެނީ މާތް ﷲގެ ހުކުމްފުޅުތަކަކީ ހަމައެކަނި ރަސޫލާގެ ހަޔާތްޕުޅުގައި ތަންފީޒުކުރަން ބާވައިލެއްވި އެއްޗެއްގެ ގޮތުގައި ކަމަށް ވެސް ވަނީ ބުނެފައެެވެ. އަދި އަހަރެމެންނަކީ ޒަމާނުއްސުރެން މާތް اللهގެ ދީން ގަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބައެއްކަން ހަނދާންކޮށްދީފައި ވެއެވެ.
ހުތުބާގައި އިތުރަށް ބުނީ އިންސާނަކަށް ލިބޭނޭ އެންމެ ބޮޑު ނިއުމަތަކީ އިސްލާމްކަމުގެ ނިއުމަތް ކަމަށާއި އިސްލާމް ދީނުގެ މަތިވެރި ނިއުމަތުގައި އަހަރެމެން ދިރިއުޅެމުން އަންނަތާ މިވީ ނުވަސަތޭކަ ވަރަކަށް އަހަރު، އަހަރެމެންގެ ކާބަފައިން މި ދީން އަހަރެމެންނާ ހަމަޔަށް ގެނެސްދެއްވައިފައިވަނީ އެކި ދުވަސްވަރުގައި ދީނާ ދެކޮޅަށް ކުރެވުނު ކަންކަމުން ދީން ދިފާއުކޮށް ޖިހާދުކޮށްގެން ކަމަށެވެ.