ޚަބަރު ރާއްޖެ

ފީވަކުގައި ގޯތި ދޫކޮށްފައިވާ ޗަސްބިމަށް ފަސް އަޅާ، ބޭނުންކުރެވޭނޭ މަގުފަހިކޮށްދޭނަން: ރައީސް

ށ. ފީވަކުގައި ގޯތި ދޫކޮށްފައިވާ ޗަސްބިމަށް ފަސް އަޅާ ބޭނުންކުރެވޭނޭ މަގުފަހިކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނޭކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

 

އެމަނިކުފާނު މި ޔަގީންކަން ދެއްވީ މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

 

ފީވަކުގައި ގޯތި ދޫކޮށްފައިވާ ސަރަހައްދު ބޭނުންކުރުމުގައި ހުރި ދަތިތަކަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ މި މަސައްކަތް ކުރިއަށް ގެންދަވާނީ އެމް.ޓީ.ސީ.ސީގެ ފަރާތުން އެ ރަށުގައި ސްކޫލް މަޝްރޫއާއި މޫދަށް އެރޭ ސަރަހައްދުގެ މަޝްރޫއު ކުރިއަށްގެންދާއިރު ކަމަށެވެ.

 

މީގެއިތުރުން ފީވައް ވެސް ހިމެނޭގޮތަށް، އުތުރުގެ ވިއްސަކަށް ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫއުތައް އަލުން ފެށުމުގެ އިންތިޒާމުތައް ކުރައްވަމުންގެންދަވާ ވެސް ވަނީ ހާމަކުރައްވާފައެވެ. ބޭރުގެ ފަންޑެއްގެ ދަށުން، އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ގޮތަށް ފަށާފައި ހުރި ކުނި މެނޭޖްކުރާ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫއުތަކަށް އިޝާރާތްކުރައްވަމުން ވިދާޅުވީ އެ މަސައްކަތްތައް އަލުން ފެއްޓޭނޭ ގޮތްތަކެއް ހޯއްދެވުމަށް ކަމާބެހޭ ވުޒާރާއިން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށެވެ.

 

އެހެންކަމުން، މިހާރު މިކަމުގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުއްވާ އެ އިންތިޒާމުތައް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ފީވަކު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެދިވަޑައިގަތް ގިނަ ކަންތައްތަކެއްގެ ޢަމަލީ މަސައްކަތް ވެސް މިއަދު ވަނީ އެ ރަށުގައި ފައްޓަވާފައެވެ. އެގޮތުން ޒުވާނުންނަށްޓަކައި ކުޅިވަރުގެ ދާއިރާ ތަރައްގީކުރެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެދިވަޑައިގަތުމަށް އިޖާބަދެއްވާ ފީވަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާ، ސްކޫލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ވެސް ފައްޓަވާފައެވެ. އަދި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާފައި ވެއެވެ.

 


  • ށ. އަތޮޅު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް