ޚަބަރު ރާއްޖެ

މިއަހަރު ނިމުމުގެ ކުރިން ކޮމަންޑޫގައި ޑައިލެސިސްގެ ހިދުމަތް ގާއިމުކުރަނީ

މިއަހަރު ނިމުމުގެ ކުރިން ކޮމަންޑޫގައި ޑައިލެސިސްގެ ހިދުމަތް ގާއިމުކުރައްވާނެކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

 

އެމަނިކުފާނު މި އުފާވެރި ޚަބަރު ދެއްވީ މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައިކޮމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

 

ރައީސް ވަނީ މީގެއިތުރުން ވެސް އެރަށުގެ ތަރައްގީ އަށް ބޭނުންވާ އަދި ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ގިނަ މަޝްރޫއުތަކެއްގައި ކުލަ ޖެހޭނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމަވައިދެއްވާ، އެނޫންވެސް އެކި ދާއިރާތަކުން ރަށަށް ބޭނުންވާ މުހިންމު ތަރައްގީ ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިގެން، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ހަގީގީތަކަށް ހައްދަވައިދެއްވާ ރައްޔިތުންނާ ހިސާބަށް އެކަންކަން ގެނެސްދެއްވޭނެކަމުގެ ޔަގީންކަން ވެސް ތަކުރާރުކުރެއްވިއެވެ.

 

މީގެއިތުރުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ސްކޫލުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންގޮސްދެއްވާނެ ކަމަށާއި އަހަރުގެ ކުރީކޮޅު، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރެއްވުމުގެ ޢަމަލީ މަސައްކަތްތައް ފެށޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި 50 ހައުސިންގ ޔުނިޓް ތަރައްގީކޮށްދެއްވާނެކަމަށާއި މި މަޝްރޫއުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

 

ރައީސް ޑރ. މުޢިއްޒު ވަނީ ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ކޮމަންޑޫ އެއަރޕޯޓުގެ މަސައްކަތް ނިންމާ، އެއަރޕޯޓު ހުޅުވޭނެކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި މިފަދަ ބިޔަ ބައެއް މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ގޮތުގެ ތަފްސީލުތައް ހިއްސާކުރެއްވިއެވެ.

 

އެމް.އޭ.ސީ.އެލް އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ ކަންކަން ހިނގަމުންދާނެ ގޮތުގެ ތަފްސީލުތައް ދެއްވަމުން ވިދާޅުވީ އެރަށު އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ މަސައްކަތްތައް އެންމެ ލަސްވެގެން 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ.

 

 

 

އެމް.އޭ.ސީ.އެލުން ބިންހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދަވަނީ އެރޮނގުން ކުރިއަރާފައިވާ އެންމެ ފެންވަރު ރަނގަޅު ބޭރުގެ ދެ ކުންފުންޏަކާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ކަމަށާއި ގާތްގަނޑަކަށް 11000 ޓަނުގެ ޑްރެޖަރެއް މިމަސް ނިމޭއިރު، ރާއްޖެ ގެނެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 3 ވަނަ ހަފުތާގެ ތެރޭގައި 40000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެންނާނެ ކަމުގައި ވިދާޅުވިއެވެ.

 

އެ ޑްރެޖަރު މަސައްކަތް ކުރާނީ ރަސްމާލޭގައި ކަމަށާއި 3 ވަނަ ޑްރެޖަރު ޑިސެމްބަރު މަހުގެ ތެރޭގައި ގެނެސް ހއ. ދިއްދޫގެ ޕްރޮޖެކްޓު 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ދެން ފަށާނީ ށ. ކޮމަންޑޫ އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކަމުގައި ވިދާޅުވިއެވެ.

 


  • ށ. އަތޮޅު
  • އެމްއޭސީއެލް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް