ސައިބަރ ކްރައިމް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ސައިބަރ ކްރައިމް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ދިރާސާކުރުމުގެ މަރުހަލާގައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މި މުއާހަދާގައި ސޮއިކޮށް، އެންމެ އަވަހަށް ތަސްދީގުކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ ސައިބަރކްރައިމާ ގުޅުންހުރި ފަންނީ އެހީ ހޯދުމަށާއި އެ މުއާހަދާއާ ގުޅޭ އުސޫލުތައް އެކުލަވައިލުމުގައި ރާއްޖޭގެ ބައިވެރިވުން ފުޅާކުރެވޭނެކަމެއްކަން ފާހަގަކުރައްވާފައެވެ.
މި މުއާހަދާގައި ސައިބަރ ކްރައިމް ހުއްޓުވުމަށް ގައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފައެވެ. މިއީ ސީރިއަސް ކުށްތަކަށް އިލެކްޓްރޯނިކް ހެކި ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް އެހީވެދޭ މުއާހަދާއެކެވެ. އެހެންކަމުން މި މުއާހަދާގެ ދަށުން ޑިޖިޓަލް ދާއިރާގެ ތެރެއިން ސަލާމަތީ ރައްކާތެރިކަން އިތުރުކޮށް، ތަހުގީގުކުރުމުގެ ހުނަރު އިތުރުވެގެންދާނެ ކަމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.
"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް" ރާއްޖޭން ބަލައިގަނެ، ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ފައިބެއަހަރުގެ ޑިސެމްބަރު މަހު އދ. ގަރާރަކުން ފާސްކޮށްފައިވާ މި މުއާހަދާގައި ގައުމުތަކުން ސޮއިކުރުމުގެ ކަންކަން މި މަހުގެ 25 އިން 26 އަށް ކުރިއަށްދާނީ ވިއެޓްނާމުގައެވެ.