ށ. މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
މި މަރތުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ (ޑީސީޕީ ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަދި މިލަންދޫ ކައުންސިލުގެ ރައީސްއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ޒަމާނީ ފެންވަރަށް ތައްގީކުރުމަށް ހަމަޖެހިފައިވާ މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމޭއިރު، ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި 4 ކުލާސްރޫމް ހުންނާނެއެވެ. އަދި އިމާމު ރޫމަކާއި، އޮފީސް ބަޔަކާއި ހިނަވާގެއެއް ހިމެނޭނެއެވެ.
މީގެއިތުރުން ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒުއާއި ދައުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެލައްވާފައެވެ.