ޚަބަރު ރާއްޖެ

ށ. އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެއަށް

މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.

 

މި ދަތުރުފުޅުގައި ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

 

މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގެން، އެ ވަފުދުން ވަނީ ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.

 

ރައީސްގެ މި ދަތުރުފުޅުގައި އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، ތަރައްގީގެ މަސައްކަތްތައް ފައްޓަވާ، ތަރައްގީގެ އެކި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އަދި ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ ބައެއް މަޝްރޫއުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި މަޝްރޫއުތައް ފައްޓަވާފައިވެއެވެ.

 

މީގެއިތުރުން އެކި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ތަރައްގީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވާ އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވާ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެކެވެ.

 

 


  • ށ. އަތޮޅު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް