ޚަބަރު ރާއްޖެ

ކައިރި ކައިރީ އެއަރޕޯޓު އެޅުމުން ލޯކަލް ޓޫރިޒަމަށް ނޭދެވޭ އަސަރުކުރާނެ: ރައީސް ނަޝީދު

ކައިރި ކައިރީ އެއަރޕޯޓު އެޅުމުން ލޯކަލް ޓޫރިޒަމަށް ނޭދެވޭ އަސަރުކުރާނެކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 

މީސްމީޑިއާގެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ އެއީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ ހަރުދަނާ ޕްލޭނެއް ނެތް ކަން ހާމަވާ ކަމެއް ކަމަށާއި މިއީ ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށެވެ.

 

ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވީ އުތުރުގައި މިހާރުވެސް 4 އެއަރޕޯޓު އޮއްވާ އިތުރު 4 އެއަރޕޯޓު 19 މިނެޓާއި 36 މިނެޓު ތެރޭ ލޯންޗުގައި ދަތުރުކޮށްފައި ދެވޭ ދުރުމިނެއްގައި އެޅުމަކީ ހުރިހާ އެއަރޕޯޓެއްގެ ވެސް އިގުތިސާދު ދަށަށް ދާނެ ކަމެއް ކަމަށެވެ.

 

ރައީސް ޑރ. މުޢިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު މިލަންދޫއާއި ބިލެއްފަހި އެއަރޕޯޓު ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ވަނީ އިއުލާނުކުރައްވާފައެވެ. އަދި ރަށުގެ ތަރައްގީއަށް މުހިންމު ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވާ މިއީ މުހިންމު ފައިދާކުރުވަނިވި މަޝްރޫއުތަކެއް ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައި ވެއެވެ.

 

ބިލެއްފައްސާއި މިލަންދޫއަކީ ކައިރީގައި އޮތް ދެ ރަށަށްވާއިރު، އެ އަތޮޅު ފުނަދޫ އެއަރޕޯޓަށް މާލެއިން ފުނަދޫ އަދި ފުނަދޫ އިން މާލެއަށް ހަފްތާއަކު 3 ފްލައިޓް ދަތުރުކުރެއެވެ.

 

 


  • ށ. އަތޮޅު
  • ރައީސް ނަޝީދު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް