ކާމިޔާބު ހޯދުމަށްޓަކައި ދިވެހިރާއްޖެއިން އިޚްތިޔާރު ކުރަނީ އުންމީދާއި ހިތްވަރާއި ބައިވެރިވުމާއެކު ވިލުންތެރިކަމާއި، ޢަދުލުވެރިކަމާއި، ދެމެހެއްޓެނިވި އުންމީދުގެ މައްޗަށް ބިނާވެފައިވާ ދުނިޔެއެއް ބިނާކުރުމަށްކަމުގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ޑރ. މުޙައްމަދު ވަޙީދު ހަސަން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސް މިފަދައިން ވިދާޅުވީ ޗައިނާގެ ޝަންހާއީގައި މިހާރު ކުރިއަށްދާ 2025 ވަނަ އަހަރުގެ ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑާސް ކޮންފަރެންސްގައި ތަގްރީރުކުރައްވަމުންނެވެ.
ކުރީގެ ރައީސް ޑރ. ވަޙީދު ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވާފައެވެ. އަދި ދެމެހެއްޓެނިވި ތަރައްގީއަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
އެއީ ގައުމު ދެމިއޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގެ ތަރިކައާއި، ސަގާފަތާއި ތާރީޚަށްވެސް ނުރައްކާ ކުރިމަތިވާކަން ފާހަގަކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ މިއަދު ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހަގީގަތެއްކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ޑރ. ވަޙީދު ވަނީ "ކުޑަވުމަކީ ބާރެއް ނެތުން ނޫން" ކަން ފާހަގަކުރައްވާ ދިވެހިރާއްޖެއިން ނަމޫނާ ދައްކައިގެން ކުރިއަށް ދިއުމުގެ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތަކުގެ މައިގަނޑު ތިން އަސާސަކީ ފިޔަވަޅު އެޅުމާއި، އީޖާދުކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތައް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ނާޒުކު ގައުމުތަކަށް އިހުމާލުވިޔަ ނުދިނުމަށް، ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދާ، ފުރިހަމަ ނަތީޖާއަކަށް ބަދަލުކުރުމަށް ވެސް ގޮވާލެއްވިއެވެ. އަދި ހަގީގީ ލީޑަރޝިޕް މިނެކިރާނީ ބާރާއި މުއްސަނދިކަމުގެ މީޒާނަކުން ނޫން ކަމަށާއި ކުރު-ރާސްތާ މަންފާއަކަށްވުރެ، ސާފު ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް، އަންނަން އޮތް ޖީލުތަކުގެ މަސްލަހަތަށް އިސްކަން ދިނުމަކީ ސާބިތު ލީޑަރޝިޕެއްގެ ސިފަކަމުގައި ޑރ. ވަޙީދު ވިދާޅުވިއެވެ.