މާލެއިން ފުރައިގެން ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ. އެރިޔަދޫ އަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ މީހުންގެތެރެއިން އިތުރު މީހަކު ފެނިއްޖެއެވެ.
އެމްއެންޑީއެފް އާއި ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވާ ކަމަށެވެ. އަދި އެއީ ބިދޭސީއެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅިގެން ގެއްލިގެން ހޯދަމުން ދަނީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. އޭގެތެރެއިން ދިވެހި މީހާ ވެސް ފެނިފައިވަނީ ކަނޑިއަޑީގައި މަރުވެފައި އޮއްވައެވެ.
އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަހާލިއިރު 7 މީހުން ތިބި ކަމަށެވެ. އޭގެ ތެރެއިން 4 މީހުން ސަލާމަތްކުރެވިފައިވާ ކަމަށާއި 3 މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމީހުން ހޯދަން ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުން އަންނައިރު، އެމްއެންޑީއެފް އިން ވިދާޅުވީ ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު، ތިބީ އޭގައި އޮތް އެކްސްކޯރިއޭޓަރއެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިއީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެއް ކަމަށް ވެސް ހާމަކުރައްވައެވެ.