ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ބޯޓު ދިޔަވެގެން އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު ޅ. ނައިފަރަށް ގެންގޮސްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ވަނީ މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ، ވައިބާރު، ވިއްސާރަ ދުވަސްވަރެއްކަމުން، މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެގޮތުން ދަތުރުކުރާނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ވެސް އިލްތިމާސްކުރައްވައެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން ރޭގަނޑު ދަތުރުނުކުރުމަށާއި މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް އެމްއެންޑީއެފް އިން އިލްތިމާސްކުރައްވައެވެ.