ދިވެހިރާއްޖޭގެ މުސްތަގުބަލަށް ވިސްނާއިރު، ދަނޑުވެރިކަމުގެ ސިނާއަތަކީ އިގުތިސާދަށް މުހިންމު ސިނާއަތެއް ކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ގައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބާގައި ދެއްވި ހިތާބުގައި އެކަމަނާ ވަނީ ދިވެހިރާއްޖޭގެ އިގުތިސާދު މައިގަނޑު ބިނާވެފައިވަނީ ކަނޑުގެ މުއްސަނދި ވަސީލަތްތަކަށްނަމަވެސް، ހާއްސަކޮށް ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި، އިގުތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގައި ދަނޑުވެރިކަމުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. މި ސަބަބުތަކަށްޓަކައި، ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކޮށް، ކުރިއެރުވުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް ކޮންމެހެން ލާޒިމުވެގެންވާ ކަމެއް ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.
"ދަނޑުވެރިކަން ކުރުމުގައި ދިވެހިރާއްޖޭގެ ބިން ކުޑަވުމާއި، ބިމުގެ ފެންފަށަލަތަށް ލޮނުވުންފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އަޅުގަނޑުމެންގެ ދަނޑުވެރިން ދަނީ މިކަންކަމާ ކުރިމަތިލައި، އީޖާދީ ހައްލުތައް ހޯދަމުން."
މީގެއިތުރުން އެކަމަނާ ވިދާޅުވީ މިހާރު ދަނޑުވެރިކަމުގެ ސިނާއަތުގައި ހޯދަމުންދާ ކުރިއެރުންތަކަށް ބަލާލާއިރު، ހައިޑްރޮޕޮނިކްސް، ވަރޓިކަލްފާމިންގ އަދި އެއިރޮޕޮނިކްސް ފަދަ ގޮތްތައް ބޭނުންކުރުމާއި ތިމާވެއްޓާއި ރައްޓެހި ދަނޑުވެރިކަމަށް އަމާޒުހިފަމުންދާ ކަމަށެވެ. ހަމަމިއާއެކު މިސިނާއަތުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ އިތުރުކުރުން މިއީ ދަނޑުވެރިކަން އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކާނާގެ ޔަގީކަން ގާއިމްކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
މިގޮތުން ސްކޫލްތަކުގައި ދަރިވަރުންނަށް ދަނޑުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަކީ ވެސް މިފަދަ ކުރިއެރުމެއް ކަމަށާއި ދަނޑުވެރިކަން ތަރައްގީކުރުމަށާއި ސިންދުފާތު ކުރުމަށް އެވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް ދަނޑުވެރިކަމުގެ ލެބޯޓަރީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ އުތުރުން ފެށިގެން ކޮންމެ އަހަރަކު އަތޮޅަކަށް، އެއަތޮޅެއްގެ ގޭބިސީތަކަކަށް ގަސް ބަހަމުން އަންނަކަން ވެސް ފާހަގަކުރައްވާފައެވެ.