ޑަބްލިއުއޭއެމް އާއި ދިރާގު ގުޅިގެން ސްޕޯޓްސް ވީލްޗެއަރ ތައާރަފްކޮށްފި

ވީލްޗެއަރ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑަބްލިއުއޭއެމް) އާއި ދިރާގު ގުޅިގެން ސްޕޯޓްސް ވީލްޗެއަރ ތައާރަފް ކޮށްފިއެވެ.

 

މިއީ ޖަމްއިއްޔާއަކުން މިފަދަކަމެއް ކުރަން ފެށި ފުރަތަމަފަހަރުކަމަށްވާއިރު، ސްޕޯޓްސް ވީލްޗެއަރ ތައާރަފްކޮށްފައި މިވަނީ ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެބޮޑު ހަރަކާތްކަމުގައިވާ ދިރާގު ރޯޑު ރޭސް މިމަހުގެ 24 ގައި ބޭއްވުމަށް ތައްޔާރުވެފައިވަނިކޮށްނެވެ.

 

މިއަހަރުގެ ދުވުގައި ވީލްޗެއަރ އެސޯސިއޭޝަނުން ވެސް ޢަމަލީގޮތުން ބައިވެރިވެފައިވާއިރު، ވީލްޗެއަރ ގައި އުޅޭފަރާތްތަކަށް އަބަދުވެސް ރޭސްތަކުގައި ބޭނުންކުރަމުން ގެންދަނީ އެފަރާތެއްގެ ދިރިއުޅުމުގައި ބޭނުންކުރަމުން އަންނަ ވީލްޗެއަރއެވެ. އެހެންވެ އެންމެ ފުރިހަމަގޮތުގައި މިފަދަރޭސްތަކުގައި ހަރަކާތްތެރިވުމަށް ދަތި، އުނދަގޫތަކެއް ތަހައްމަލު ކުރެއެވެ.

 

 

 

މިކަމާއިގުޅިގެން ޑަބްލިއުއޭއެމްގެ ޗެއަރޕާސަން އަޙްމަދު ނަޖީބު 'އޮއިވަރު' އަށް ވިދާޅުވީ މިއީ އޭނާ ވަރަށް ދުވަހުން ފެށިގެން ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި މިހުވަފެނުގައި ހަގީގީ ކުލަ ޖައްސައިދިނީ ދިރާގުން ކަމަށެވެ.

 

"މިފުރުސަތުގައި ވީލްޗެއަރ އެސޯސިއޭޝަންގެ އިސްނެގެމަށް އެއްބާރުލުންދެއްވާ ދިރާގުން ދެއްވި ތަރުހީބަށް ފައްފަށުން ޝުކުރު އަދާކުރަން. މިހާރު ލިބިގެން މިދިޔައީ ވަރަށްބޮޑު ކުރިއެރުމެއް."

 

ނަޖީބު ވިދާޅުވީ އެ ޖަމްއިއްޔާގެ ވިސްނުމަކީ އަދި އުއްމީދަކީ ދިރިއުޅުމުގައި ބޭނުންކުރަމުން ގެންދާ ވީލްޗެއަރތައް ދޫކޮށް މިފަދަފަރާތްތަކުން ރޭސްތަކުގައި ސްޕޯޓްސްވީލަޗެއަރ ބޭނުންކުރުން ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ވީލްޗެއަރ އެތްލީޓުންތަކެއް ބިނާކުރުމަކީ ވެސް ދެކެމުން އަންނަ ހުވަފެނެއް ކަމުގައި ވިދާޅުވިއެވެ.

 


  • ދިރާގު
  • ވީލްޗެއަރ އެސޯސިއޭޝަން
  • ކޮމެންޓް