ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކޮށްދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައި.ޔޫ.އެމް)ގެ ދެމެދު ވެފައިވާ ފަހުމުނާމާއެކެވެ.
މައިގަނޑު މަގުސަދަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ ގިނައިން މުހާތަބުކުރާ ބަސްބަހުން މުއާމަލާތްކުރުމަށް ބޭނުންވާ ތަމްރީނު ދިވެހީންނަށް ފޯރުކޮށްދިނުމެވެ. މި އެއްބަސްވުމުގެ ދަށުން 625 ދިވެހި ދަރިވަރުންނަށް ބޭރުގެ އެކި ބަސްބަސް ދަސްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިއްމު ވައުދެކެވެ. ބޭރުގެ ގިނަ ބަހުރުވަތަކުން ވާހަކަދެއްކުމުގެ ތަމްރީނު ލިބިފައިވާ ގިނަ ދިވެހިން ތަމްރީނުވެގެން ދިޔުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހި އިގުތިސާދަށް ލިބިގެންދާ ކުރިއެރުމެކެވެ.