ޚަބަރު ރާއްޖެ

ވިލުންތެރި ރާއްޖޭ 2045: ފަންނީ ތަޖުރިބާކާރުންނަށް ބާއްވާ ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވުމަށް ނެކްސިއާ އިން ހުޅުވާލައިފި

ގައުމީ ތަރައްގީގެ ޕްލޭން "ވިލުންތެރި 2045: އެންމެންނަށް ފާގަތިކަން" ގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށްދާ އިރު މި މަސައްކަތުގައި އެކި ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުންނާއި އެކު ބާއްވާ ވަށްމޭޒު ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ނެކްސިއާ މޯލްޑިވްސް އިން ހުޅުވާލާލައިފިއެވެ.

 

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނެކްސިއާ އިން ރާވާފައިވަނީ އެކި ފަރާތްތަކުގެ ބައިވެރިވުން ވީހާވެސް ފުޅާކޮށް ހޯދައިގެން މަޝްވަރާގެ އުސޫލުތަކުގެ މަތިންނެވެ.

 

އެހެންކަމުން، އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަންނީ ތަޖުރިބާކާރުންނަށް އެ ދާއިރާތަކުގެ ކުރިމަގު އޮންނަންވީ ގޮތުގެ ތަސައްވުރު އެކުލަވާލުމުގެ ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ނެކްސިއާ އިން ވަނީ މިހާރު ހުޅުވާލާފައެވެ. މިގޮތުން އިގްތިސާދީ، އިޖުތިމާއީ، ތިމާވެށި، ގަވަރނަންސް، އަދި ސްޕޭޝަލް ޕްލޭނިންގގެ ދާއިރާތަކުގެ ތަޖުރިބާކާރުން ކޮންމެ ދާއިރާއަކަށް ހާއްސަ ކުރެވިފައިވާ ވަށްމޭޒު ބައްދަލުވުން ތަކުގައި ބައިވެރިވެ އެ ދާއިރާތައް އެންމެ އެދެވޭ ގޮތުގައި ކުރިއަރައިގެން ދާން ބޭނުންވާ ގޮތާއި، ހުރި ގޮންޖެހުންތައް އަދި ހައްލުތަކާއި ގުޅޭ ގޮތުން ކުރެވޭ މަޝްވަރާއާއި  ހުށަހަޅާ ހިޔާލުތަކަށް ގައުމީ ތަރައްގީ ޕްލޭން އެކުލަވާލުމުގައި ރިއާޔަތްކުރެވޭނެއެވެ.

 

ނެކްސިއާ އިން ފާހަގަކުރާ ގޮތުގައި ގައުމީ ތަރައްގީއަށް މުހިއްމު ދާއިރާތަކުން 62 މައުޟޫއަކަށް ޖުމްލަ 20 ވަށްމޭޒު ޖަލްސާ ކުރިއަށް ގެނދިއުމަށް އެ ފަރާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ތަޖުރިބާކާރުންނާ އެކު ބާއްވާ މި ބައްދަލުވުންތަކަކީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް އާއްމުންގެ ހިޔާލު ހޯދުމަށް މިހާރު ނެކްސިއާ އިން ކުރިއަށް ގެންދާ "ކުރިމަގު ސައްލާ" ތަކުގައި ރައްޔިތުން ފާޅުކުރި އުންމީދުތަކާއި ހިޔާލުތަކަށް  އަމަލީ ސިފަ ގެނައުމަށް ތަޖުރިބާކާރުންނާ ހަމައަށް ގެންދިއުމަށް ރާވާ ޖަލްސާތަކެކެވެ.

 

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ނެކްސިއާ އިން މިހާތަނަށް ކާމިޔާބުކަމާއެކު ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށުގައި ބޭއްވި ކުރިމަގު ސައްލާ ބައްދަލުވުންތަކުން ރައްޔިތުން އެދޭ ފަދަ ތަރައްގީއަކީ ކޮބައިކަން ދެނެގަތުމަށް ބާރު ލިބިދީފައިވެއެވެ.

 

ރައްޔިތުން އެންމެ ފާހަގަކުރާ ކަންކަމުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއި އެކު ދަތުރުފަތުރުގެ ނިޒާމު އޮތުމާއި، ރަށުގެ އިގްތިސާދީ ހާލަތަށް ހެޔޮ ބަދަލުތަކެއް އައިސް ފުދުންތެރި ދިރިއުޅުމެއް އުޅުމާއި، އާއްމު ހިދުމަތްތައް ފެންވަރު ރަނގަޅުވެ ތަރައްގީވެގެން އައުމާއި އަދި މުޖުތަމައު ތެރޭ އެއްބަޔަކު އަނެއްބަޔަކާ އޮންނަ ގުޅުންތައް ބަދަހިވެގެން ދިއުން ހިމެނެއެވެ. އަދި "ރަށުވަންތަކަން" ގެއްލިގެން ނުދާނެ ގޮތަށް ރާއްޖޭގެ މާހައުލަށް ފެތޭ އަދި ވަށައިގެންވާ ވެއްޓާއި މާހައުލީ ނިޒާމްތައް ފަނާވެގެން ނުދާފަދަ ތަރައްގީގެ ތަސައްވުރުތައް ސައްލާގެ ބައިވެރިން އަންނަނީ ނެކްސިއާ އާއި ހިއްސާކުރަމުންނެވެ.  

 

 

 

އެހެންކަމުން، ވަށްމޭޒު ބައްދަލުވުންތަކުގައި ރައްޔިތުން ފާޅުކޮށްފައިވާ އުންމީދުތަކާއި، ތަސައްވުރުތައް ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކާއި ހައްލުތަކަކީ ކޮބައިތޯ ތަޖުރިބާކާރުންނާ އެކު ބާއްވާ މި ވަށްމޭޒު ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވިގެން ދާނެއެވެ.

 

"މި ހުރިހާ މަސައްކަތެއްގެ ނަތީޖާއަކަށް ވެގެންދަނީ ފުޅާ ދާއިރާގެ ހިޔާލާއި މަޝްވަރާ އަދި އިލްމީ ދިރާސާ އާއި ހެކީގެ މައްޗަށް އެކުލެވޭ ސިޓިޒަން ސެންޓްރިކް ޕްލޭނެއް ހެދިގެން ދިއުން" 

 

އެހެން ކަމުން ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަންނީ ތަޖުރިބާކާރުންނަށް ދާއިރާތަކުގެ ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވުމަށް ނެކްސިއާ އިން ވަނީ ހުޅުވާލާފައިއެވެ.

 

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ނެކްސިއާ ހަވާލުކޮށްފައިވާ މި މަސައްކަތަކީ ރާއްޖޭގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތަރައްގީ ބައްޓަން ކުރާނެ ދިގު ރާސްތާ ޕްލޭނެއް އެކުލަވާލުމެވެ. އަންނަ ޖެނުއަރީގައި މި ޕްލޭންގެ ފުރަތަމަ ދެލިކޮޕީ ސަރުކާރާއި ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައިއެވެ.

 

https://www.instagram.com

 


  • ނެކްޒިއާ މޯލްޑިވްސް
  • ކޮމެންޓް