ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުންގޯސްވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
އެ އިދާރާއިން މިހާރު ވެސް ވަނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލުގައި ވިދާޅުވީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަމުން އަންނައިރު، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވާނެކަމަށް އެ އިދާރާ އިން ވަނީ ލަފާކުރައްވާފައެވެ.
ރީނދޫ ސަމާލު:
މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ.
1 ގަޑިއިރު ތެރޭ 70 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 100 މިލިމީޓަރ ގެ ވާރޭ ވެހުން އެކަށީގެން ވެއެވެ. އާދަޔާހިލާފަށް ގުގުރުން ނުވަތަ މިފަދަ ގޮތަކަށް ގުގުރާފާނެ ކަމަށް އަދި ފާއިތުވި 3 ގަޑިއިރު 28-35 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 30-25 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން މި އެލާޓް ނެރެއެވެ. ވިލާގަނޑުގައި ވައިގަދަވެ 55 މޭލަށް ވައިބާރުވެދާނެއެވެ. އުދަބާނި އަދި އުދަ އެރުން އެކަށީގެން ވެއެވެ.
މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މަދުވެގެން 5 ރަށަކުން ރިޕޯޓް ކުރުން ނުވަތަ އެވަރު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކުރެވުމުން މި އެލާޓް ނެރެއެވެ.
މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.