ޚަބަރު ރާއްޖެ

ކުނަހަންދޫ އަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލު ގެނެސްދޭނަން: ރައީސް

ލ. ކުނަހަންދޫ އަށް ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލަކަމުގައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

 

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.

 

"ފެންބޮޑުވުމުގެ މައްސަލައަކީ ކުނަހަންދޫއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް. މަގުހެދުމުގެ މަޝްރޫއާއި ގުޅުވާލައިގެން އެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯދައިދޭނަން."

 

މި ބައްދަލުކުރެއްވުމުގައި ވާހަކަދެއްކެވި އާންމު ރައްޔިތުން ވަނީ ކުނަހަންދޫގައި ހުއްޓިފައި އޮތް ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަލުން ފައްޓަވައިދެއްވުމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ނިންމަވައިދެއްވުމަށް ރައީސް އަރިހުން އެދިވަޑައިގެންފައެވެ. އަދި މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ހުރި ދަތިތައް ހިއްސާކުރެއްވިއެވެ.

 

މީގެއިތުރުން ރަށު ސްކޫލުގެ މަސައްކަތް މިހާރު އެހެން ފަރާތަކާއި ހަވާލުކުރެވިފައިވީނަމަވެސް މި މަސައްކަތް ދާގޮތް ގާތުން ބައްލަވައިދެއްވުމަށާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ޖަލްސާތައް ބޭއްވުމަށް ހޯލެއް ނެތުމުން ދިމާވާ ދަތިތަކާއި ރަށުގައި އެކަށީގެންވާ ސިއްހީ ފަރުވާ ދެވެން ނެތުމުގެ މައްސަލަ ވެސް ވަނީ ފާހަގަކުރައްވާފައެވެ.

 

ހަމަމިއާއެކު އެރަށުގައި ފެށި މަޝްރޫއުތަކާއި ސޮއިކުރި މަޝްރޫއުތަކުގެ މަސައްކަތް ވަރަށް ސަމާލުކަންދެއްވާ، ވަރަށް އިސްކަންދެއްވައިގެން، ވަރަށް ރަނގަޅަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ކުނަހަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނިގެން މޫދަށް އެރޭ ސަރަހައްދެއް ވެސް ތަރައްގީކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސްކޫލުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްގެން ކުރިއަށްދާ ކަމަށާއި މޫސުން ތަންދިނުމުން ބޭނުންވާ ސާމާނު ގެނެސް އަންނަ ދިރާސީ އަހަރަށް އެ މަސައްކަތް ފެނަކައިން ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

 

މި ބައްދަލުކުރެއްވުމުގައި ވާހަކަދެއްކެވި ރައްޔިތުން ވަނީ މިއީ 1978 ވަނަ އަހަރުން ފެށިގެން އިންތިހާބީ ވެރިޔަކު އެރަށަށް ޒިޔާރަތްކުރައްވާ، ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން ބައްދަލުކުރައްވާ ސަލާމްކުރައްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ އެކަމަށްޓަކައި ރައީސް އަށް ވަރަށް ބޮޑަށް ޝުކުރުދަންނަވާފައެވެ.

 

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ބީއެމްއެލްގެ ފަރާތުން ކުނަހަންދޫ ކައުންސިލަށް އެރުވި ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމަށްފަހުގައެވެ. މި ފިލާ ކައުންސިލާއި ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޢިއްޒުއެވެ.

 

 


  • ހައްދުންމަތި
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް