ހޮޓެލް ސްކޫލަކާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ މަތީ ފަންތީގައި ހިދުމަތް ދޭ 5 ތަރީގެ ރިސޯޓެއް ލ. ހުޅިމެންދޫގައި ތަރައްގީކުރެއްވުމަކީ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާމެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، އަދި ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ވަރަށް ބޮޑު ފުރުސަތަކަށްވާނެ ކަމަށެވެ.
ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއެކު ރިސޯޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ވެސް މި ބައްދަލުކުރެއްވުމުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑޮކްޓަރ ރަޙީމާ ޢަބްދުއްރަޙީމެވެ. ރިސޯޓް ތަރައްގީކޮށް އޮޕަރޭޓްކުރައްވާ ފަރާތުގެ ހައިސިއްޔަތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
މީގެއިތުރުން ވެސް މާމެންދޫގެ ތަރައްގީއާ ގުޅިފައިވާ މުހިންމު މަޝްރޫއުތަކެއްގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން ބަނދަރު ތަރައްގީކުރުމާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިމެނެއެވެ. އަދި މަގުހެދުމުގެ މަޝްރޫއާއި ކައުންސިލްގެ އައު އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ. ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.
ހަމަމިއާއެކު އެރަށު ސިއްހީ މަރުކަޒުގައި ތަރައްގީކޮށްފައިވާ ލެބޯޓްރީގެ ހިދުމަތްތައް ވެސް ރައީސްގެ މި ދަތުރުފުޅުގައި ވަނީ ފައްޓަވައިދެއްވާފައެވެ.
މި ހުރިހާ މަޝްރޫއުތަކަކީ ވެސް ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންގޮސްދެއްވާނެ މަޝްރޫއުތަކެއްކަމުގެ ޔަގީންކަން، ރައީސް ވަނީ މާމެންދޫގެ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ.