ޚަބަރު ރާއްޖެ

އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމުގެ 3 ވަނަ ދަރެސް ބާއްވައިފި

އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމު 2025- 2027 ގެ ތިންވަނަ ދަރެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންގޮސްފިއެވެ.

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ދަރެހުގައި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުއައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިއަދުގެ ދަރެސް ކުރިއަށްގެންދަވާފައިވަނީ "ކްރިޓިކަލް ތިންކިންގ އެންޑް ޕްރޮބްލަމް ސޯލްވިންގ" މި މައުޟޫއަށް، މުޙައްމަދު މިސްޠަޙް އެވެ.

 

އެ ދަރެހުގައި ވަނީ ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ރިސާލަތުގައި ނަޤުދީ ފިކުރު ވުޖޫދުވެގެން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކަންކަމާ މެދު ފިކުރުހިންގާ، ބުއްދިވެރިކަމާއެކު ގޮތްނިންމުމަކީ އިސްވާރުކަމާއި އިއުތިގާދުގެ ވެސް މުހިންމު ދެ ބަހާކަން ވަނީ ބަޔާންކޮށްދެއްވާފައެވެ.

 

މުޅި ދަރެހުގައި ވެސް މިސްޠަޙް ވަނީ ތިމާގެ ކިބައިގައި ނަގުދީ ފިކުރުހިންގުމުގެ ހުނަރު އަށަގެންނެވުމުގެ މުހިންމުކަން ތަކުރާރުކޮށް ބަޔާންކުރައްވާފައެވެ. އެގޮތުން ނަގުދީ ފިކުރުހިންގުމުގެ ހުނަރު އަށަގެންނެވުމަށް ބޭނުންކުރެވިދާނޭ ހަ އިސްތިރާޖު ފާހަގަކުރެއްވިއެވެ.

 

އެގޮތުން މަސައްކަތާ ބެހޭގޮތުން ބަހުސްކުރުމަށް ބާރުއެޅުމާއި، ދެވަނަ މީހެއްގެ ޚިޔާލު ހޯދުމަށް ބާރުއެޅުމާއި، ކަންކަމާ މެދު ސުވާލުކުރުމުގެ ވެއްޓެއް އުފެއްދުމާއި، މައްސަލަތަކަށް ހައްލު ހޯދުމުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރުމުގެ ބަދަލުގައި މުޅި މައްސަލައަށް ނަޒަރު ހިންގައިގެން ހައްލު ހޯދުމާއި، އެއްގޮތް ކަންކަން ދެނެގަތުމާއި، އެއް ނަޒަރަށް ވުރެ ގިނަ ނަޒަރުން ކަންކަން އޮޅުންފިލުވުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

 

 

މީގެއިތުރުން އައު ގޮތްގޮތަށް ކަންކަމާ މެދު ވިސްނުމަށާއި، ތިމާގެ ޢަމަލުތަކާމެދު ފިކުރުހިންގުމަށް ވަގުތު އެކަށައެޅުމަށާއި، އެހެން މީހުންގެ ލަފާ ހޯދުމަށް ހަނދާންކޮށްދިނެވެ. އަދި އަމިއްލަ ނަފުސު ތަރައްގީކުރުމަށާއި، ފޮތްތެރިކަމުގެ އެހީގައި އުނގެނެމުން ދިއުމަށް ބާރުއަޅުއްވާފައިވެއެވެ.

 

މިސްޠަޙްގެ ދަރެސް ނިންމަވާލައްވާފައިވަނީ، އެހެނިހެން ހުނަރުތަކެކޭ އެއްފަދައިން ތިމާގެ ސިކުނޑި އިތުރަށް ތަރައްގީކޮށް ތޫނުފިލިކުރުމަށްޓަކައި ވެސް، ތަމްރީނު ބޭނުންވާނޭކަން ބައިވެރިންނަށް ހަނދުމަފުޅުކޮށްދެއްވަމުންނެވެ.

 

އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއަރޒް އޮފީސް (ޕީ.އޭ.އޯ) ގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް (ޕީ.އޭ.ޕީ.އެމް) ޔުނިޓްގެ އިސްނެންގެވުމުގެ މަތިން، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

 


  • ރައީސް އޮފީސް
  • ކޮމެންޓް