ޚަބަރު ރާއްޖެ

ރާއްޖެއާއި އީޔޫގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން، ޔޫރަޕިއަން ކޮމިޝަނަރ ފޮރ ފިޝަރީޒް އެންޑް އޯޝަންސް، ކޮސްޓަސް ކާޑިސްއާ ބައްދަލުކުރައްވައިފިއެވެ.

 

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ 2025 ގެ ހަވާސާގައެވެ.

 

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ވިލާތުގެ އިއްތިހާދަށް މަންފާކުރަނިވި ދާއިރާތަކުން ދެމެހެއްޓެނިވި މަސްވެރިކަމުގެ އާޖުފާޖުތަކާއި ވިޔަފާރި ފުޅާކުރުން ހިމެނޭހެން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

 

މި ބައްދަލުކުރެއްވުމުގައި ސްޕެޝަލް އެންވޯއީ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އިގުތިސާދުގައި މަސްވެރިކަމުގެ ސިނާއަތުގެ ބުރަދަނުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި އެހެން ފަރާތްތަކާ އެއްހަމައެއްގައި ވާދަކުރުމަށްޓަކައި ބައިނަލްއަގުވާމީ ބާޒާރުތަކަށް ހަމަހަމަ ފުރުސަތު ލިބިދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

 

މީގެއިތުރުން ދެފަރާތުން ވެސް ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން މެނޭޖްކޮށް، ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

 

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމުގެ އަޒުމް އައުކުރައްވަމުންނެވެ.

 


  • ރައީސް ޑރ. ވަހީދު
  • ކޮމެންޓް