ޚަބަރު ރާއްޖެ

ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025: ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް

ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

 

މި އެވޯޑް ދިވެހިރާއްޖެއަށް އަރުވާފައިވަނީ މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސް ދިނުމަށް ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައި މިއަދު ބޭއްވި ހަފުލާއެއްގައެވެ.

 

މިއީ ދިވެހިރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ސާފު ރީތި މޫދާއި ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލާ ދީފައިވާ އެވޯޑެކެވެ.

 

މިއަހަރުގެ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ ގެ އެންމެ ހާއްސަ އެއް އިވެންޓުގެ ގޮތުގައި ކުރިއަށްގެންދިޔަ ވޯލްޑް ޓޫރިޒަމް އެވޯޑްސްގައި ދިވެހިރާއްޖެއަށް ލިބުނު މި އެވޯޑާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހަވާލުވެވަޑައިގަތީ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަނެވެ.

 

މި ހަފުލާގައި ޑޮކްޓަރ ވަޙީދު ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ މި އެވޯޑު ލިބިވަޑައިގަތުމުން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ޝުކުރުއަދާކުރައްވާފައެވެ.

 

"ރީޑިފައިނިންގ ޓުއަރިޒަމް އިން އަ ޗޭންޖިންގ ވަރލްޑް،" މި ޝިއާރުގެ ދަށުން މިހާރު ކުރިއަށްގެންދާ، މިއަހަރުގެ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރުން ގުޅިގެން ސިނާޢަތުގެ މުސްތަޤްބަލު ބައްޓަން ކުރުމަށް އީޖާދީ ވިސްނުމާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ބާއްވާ ބައްދަލުކުރެއްވުމެކެވެ.

 

ދުނިޔޭގެ ފަތުރުވެތިކަމުގެ ދާއިރާގައި ވާދަކޮށްގެން މިއަހަރުގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިފައިވާއިރު، ދިވެހިރާއްޖެއަކީ ކަނޑުފަޅުގެ މާހައުލުގެ ގުދުރަތީ ދިރުންތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.

 


  • ރައީސް ޑރ. ވަހީދު
  • ޓޫރިޒަމް މިނިސްޓްރީ
  • ފަތުރުވެރިކަން
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް