ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރާއެކު އެގައުމަށް އިތުރުކުރިއެރުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖަޕާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުކަމުގެ މަގާމަށް އިޚްތިޔާރުކުރެއްވުމާ ގުޅިގެން ހަރ އެކްސަލަންސީ ސަނޭ ޓަކައިޗީއަށް މަރުހަބާ ދަންނަވާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާރެއްވި ޕޯސްޓުގައި ބޮޑުވަޒީރު ޓަކައިޗީއަކީ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމުގެ ގާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ޔަޤީންކުރައްވާކަމުގައި ފާހަގަކުރައްވާ، އެކަމަނާގެ ބޮޑުވަޒީރުކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައިވެއެވެ.
މީގެއިތުރުން ރައީސް ވަނީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ހާމަކުރައްވާފައެވެ. އަދި ބޮޑުވަޒީރު ތަކައިޗީއާއި އަދި އެކަމަނާގެ ސަރުކާރާއެކު ގާތުން މަސައްކަތްޕުޅު ކުރެއްވުމުގެ އިންތިޒާރުގައި ހުންނެވިކަން ވެސް ވަނީ ހާމަކުރައްވާފައެވެ.