އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ލ. މުންޑޫ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.
ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މުންޑޫ ސްކޫލްގައި ކުރިއަށް ގެންދެވި މި މަޝްވަރާބައްދަލުކުރެއްވުމުގައި މުންޑޫ ރައްޔިތުންގެ އާންމު އިޖުތިމާއީ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ރައީސް އާ ހިއްސާކުރެއްވިއެވެ.
ކައުންސިލުން ވިދާޅުވީ ރަށަށް މިވަގުތު ބޭނުންވާ އެންމެ މުހިންމު ކަމަކީ ރަށުގެ ބަނދަރު ރަނގަޅުކޮށްދެއްވުން ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި އާއްމުންގެ ފަރާތުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ސިއްހީ ހިދުމަތް މިހާރަށް ވުރެ ރަނގަޅުކޮށްދެއްވުމަށާއި، ރަށުގައި އަންހެނުން ވޮލީކުޅޭނެ ކޯޓެއް ހެދުން ހިމެނެއެވެ.
ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާ، ކަންބޮޑުވުންތަކާއި ހިޔާލުފުޅުތަކަށް ރިއާޔަތްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ކުރިއަށް ގެންދަވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރުގެ ވަސީލަތް ގާއިމްކޮށްދެއްވުމާއި، ސިއްހީ މަރުކަޒުން ބައެއް ޓެސްޓްތައް ހެދޭނެ ވަސީލަތް ގާއިމު ކުރުމާއި، ސްކޫލް އޭސީ ކުރުމުގެ މަސައްކަތް، މުންޑޫގައި ވެސް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށެވެ.