ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން ކޫއްޑޫގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ އެ ކޮމްޕްލެކްސްގެ މުވައްޒަފުންނަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފަޔަރ އެވެއަރނަސް ސެޝަންތަކުގެ ތެރެއިން ފުރަތަމަ ސެޝަނެވެ. ތިން ދުވަހަށް ދެމިގެންދާ މި ސެޝަންތަކުގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ 436 މުވައްޒަފުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެޝަންތަކުގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތައްހިމެނެއެވެ. އަދި އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތު ވެސް ހިމެނެއެވެ.
މީގެއިތުރުން މި ސެޝަންތަކުގައި ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައިދިނުމާއި އެ މުވައްޒަފުންނަށް، ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ވެސް ދަސްކޮށްދޭނެއެވެ.
މި ސެޝަންތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.