ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތީގައި ޖަހާ ލޯގޯ ދޫކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމައިގާ ސޮއިކޮށްފައިވަނީ ސޯޝަލް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާ ދެމެދުގައެވެ.
ސޯޝަލް މިނިސްޓްރީން ވިދާޅުވީ މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލާ، ވަކި އުސޫލެއްގެ ދަށުން މޮނިޓަރ ކުރެވިގެން އެފަރާތްތަކުގެ ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލި ފަހުމުނާމާއެއް ކަމަށެވެ.
މީގެއިތުރުން މިލޯގޯ ބޭނުންކުރަން ފެށުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މަސައްކަތްތެރިކަމާއި، އެފަރާތްތަކުގެ އުފެއްދުންތައް ވިއްކުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ވެސް ވިދާޅުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތީގައި ލޯގޯއެއް ޖެހުމަށް ނިންމާފައިވާއިރު، އެ ލޯގޯއަކީ ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހިވަންތަކަން ދައްކުވައިދޭ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަމްޒުކޮށްދިނުމާއި މަސައްކަތްތެރިކަމާއި ހުނަރު ދައްކުވައިދޭ ގޮތަށް ތައްޔާރުކުރާ ލޯގޯއެކެވެ.