ޚަބަރު ރާއްޖެ

ފަތުރުވެރިކަމަކީ އެކުވެރިކަމާއި އަމަންއަމާންކަމަށް މަގުފަހިކޮށްދޭ ބާރަކަށް ހަދަންޖެހޭ: ޑރ. ވަހީދު

ފަތުރުވެރިކަމަކީ ހަމައެކަނި ތަފާސްހިސާބުތަކާއި މާލީ ފައިދާއަށް އަމާޒުވެފައި އޮތް ސިނާއަތަކަށް ނުހެދުމަށް ކުރީގެ ރައީސް އަދި ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ގޮވާލައްވައިފިއެވެ.

 

ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ 2025 ގައި ވާހަކަފުޅުދައްކަވަމުން ޑރ. ވަޙީދު އޭގެބަދަލުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބޭނުންތެރި ބާރަކަށް ވާންޖެހޭކަމުގައި ވިދާޅުވެފައެވެ. އަދި ބައިބައިވެފައިވާ މި ދުނިޔޭގައި އިންސާނިއްޔަތު އެއްބައިވަންތަކުރާ އެންމެ މުހިންމު އެއް ބާރުގެ ގޮތުގައި ފަތުރުވެރިކަން ވަނީ ސިފަކުރައްވާފައެވެ.

 

"ފަތުރުވެރިކަމަކީ ހަމައެކަނި ޒިޔާރަތްކުރާ މީހުންގެ އަދަދު ނުވަތަ އާމްދަނީގެ މިންގަނޑެއްގެ ގޮތުގައި ނުބަލައި، އެއީ ޝާމިލުވުމާއި، އެކުވެރިކަން އިތުރުކުރުކޮށް، އަމަންއަމާންކަމަށް މަގުފަހިކޮށްދޭ ބާރެއްގެ ގޮތުގައި ދެކެންޖެހޭ."

 

މީގެއިތުރުން ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ރައްކާތެރިކުރުމާއި ތަރައްގީ އެއްހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވާ ވިދާޅުވީ ރާއްޖޭގައި ހިންގާ ރިސޯޓްތަކުން، މުރަކަ އާލާކުރުމާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ކުނި މަދުކުރުމުގައި ފަތުރުވެރިން ބައިވެރިކޮށްގެން ނަމޫނާ ދައްކަމުން އަންނަކަން ވެސް ފާހަގަކުރެއްވިއެވެ.

 

ނަތީޖާއެއްގެގޮތުން، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ހަމައެކަނި އަރާމާއި ހިތްހަމަޖެހުމުގައި ދުވަސްތަކެއް ހޭދަކޮށްލުމާއި މާނަވީ ގޮތެއްގައި އެ ދުވަސްތައް ހޭދަކުރުމުގެ މަގުސަދުގައިކަން ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ.

 

 ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ 2025 ކުރިއަށްގެންދާނީ މި ހިނގާ އޮކްޓަރ 20 އިން 21 އަށް ބްރަސަލްސް ގައެވެ.

 

 


  • ރައީސް ޑރ. ވަހީދު
  • ކޮމެންޓް