ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި ހާއްސަ އެއްކަމަކީ، މި ސިނާއަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައީ ހީވާގި ކަނބަލުންކަން އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ފާހަގަކުރައްވައިފިއެވެ.
ގައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި 'ފެހި ދިރުން އެކްސްޕޯ' ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަމަނާ ވަނީ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 7000 އަށްވުރެ ގިނަ ދަނޑުވެރިން މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.
"މި ދާއިރާގައި ހާއްސަ އެއްކަމަކީ، މި ސިނާއަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައީ ހީވާގި ކަނބަލުންކަން"
މިއީ އަންހެނުންގެ އިގުތިސާދީ ބާރުވެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާ ކަމެއްކަމުގައި ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ ފަރުދަކަށް ވެސް ރައްކާތެރި އަދި ފޯރުންތެރި ކާނާ ލިބިދިނުމަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އިސްކަންދޭންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ދަނޑުވެރިކަމަކީ އަވަސް ދުވެލީގައި ކުރިއަރަމުން އަންނަ، ގައުމުގެ އިގުތިސާދަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ ސިނާއަތެއްކަަން ފާހަގަކުރައްވާ ދަނޑުވެރިކަމުގެ ތަފާސްހިސާބު އެއްކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން "ދަނޑުވެރިޔާ" ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ވިދާޅުވެފައެވެ.
ދަނޑުވެރިކަން ކުރާ ރަށްރަށުގައި އިންވެސްޓަރުން ހޯދާ، ރަށުގެ ދަނޑުވެރިކަން ތަރައްގީކުރުމަށް އަމާޒުކޮށްގެން ޕްރޮޖެކްޓްތައް ހިންގުމާއި އެ ދާއިރާއާގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކުރާ މި އެޕްލިކޭޝަން މިއަހަރުގެތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެކަމުގައި ވެސް ވިދާޅުވެއެވެ.
ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންތެރި އިރުޝާދަކީ ކޮންމެ ރަށަކުން ވެސް ދަނޑުވެރިކަމަށް ހާއްސަ ބިންތައް ކަނޑައަޅާ، އަމިއްލައަށް ފުދޭވަރަށް ކާބޯތަކެތި އުފެއްދުމަށް މަސައްކަތްކުރުންކަމަށެވެ. އަދި މި މުހިންމު މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.