އއ. ތޮއްޑޫ ރައްޔިތުންގެ ފަރާތުން ޣައްޒާއަށް ރޯދަވީއްލުމެއް ދީފިއެވެ.
މިއީ އެރަށު ކައުންސިލާއި ތޮއްޑޫ ހޯޕް ޖަމްއިއްޔާ ގުޅިގެން މިދިޔަ ޣައްޒާއަށް އެހީވުމުގެ ގޮތުން ފެބުރުއަރީ މަހު ކުރިއަށް ގެންދިޔަ ފަންޑަށް ލިބުނު 70,883.76 ރުފިޔާ އިން ވެދިން އެހީތެރިކަމެކެވެ. މިފައިސާ ޣައްޒާއަށް އެހީވުމުގެ ގޮތުން ޚިދުމަތް ޖަމްއިއްޔާ އާއި ހަވާލުކޮށްފައިވަނީ ފެބުރުއަރީ މަހުއެވެ.
ޚިދުމަތް ޖަމިއްޔާގެ ފަރާތުން މި ރަމަޟާން މަހުގެ ފަހުދިހައިގައި މިވަނީ އުތުރު ޣައްޒާގެ 730 މުސްލިމުންނަށް ރޯދަވީއްލުމެއް ދީފައެވެ. ރޯދަވިއްލުމަށް ކެއުން ތައްޔާރުކޮށް އެރައްޔިތުންނަށް ސަދަގާތް ކުރި ވީޑިއޯ މިހާރު ވަނީ މީސްމީޑިޔާގެ ވަސީލަތްތަކުގައި ހިއްސާ ކޮށްފައެވެ.
އެންމެ ފާހަގަވި ކަމަކީ ތޮއްޑޫ ރައްޔިތުންނަށް ޝުކުރު އަދާކޮށް ދިވެހި ބަހުން ބެނަރއެއް ގައި ލިޔެފައިވުމެވެ. މިމަސައްކަތް މިހާ ފުރިހަމަކޮށް ނިންމާލުމުން ތޮއްޑޫ ހޯޕް ޖަމްއިއްޔާ އިން ވަނީ މި ސަދަގާތް މިހާ ފުރިހަމައަށް ފޯރުކޮށްދެއްވި ކަމަށްޓަކައި ޚިދުމަތް ޖަމްއިއްޔާ އަށް ޝުކުރު އަދާކޮށްފައެވެ. އަދި ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ރައްޔިތުންނަށް ޝުކުރުއަދާކޮށްފައެވެ.
ޚިދުމަތް ޖަމްއިއްޔާ އިން އަންނަނީ މިރަމަޟާން މަހުގެ ޖުމްލަ 8 ގައުމު ހިމެނޭހެން ކޮންމެ ދުވަހަކު އުތުރު ޣައްޒާގައި ވެސް ރޯދަވިއްލުން ބާއްވަމުންނެވެ. އަދި ޣައްޒާގައި ވިލެޖެއް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.
މިފަދަ ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ މިކުރެވެނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު ކަމަށްވާތީވެ މިފުރުސަތުގައި ވެސް ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަނީ ޝުކުރު ދަންނަވާފައެވެ.
ޣައްޒާގެ ވިލެޖް ބިނާކުރުމުގެ ޕްރޮޖެކްޓް އަށް އެހީތެރިވުމަށް: ޚިދުމަތް - ބީއެމްއެލް އިސްލާމިކް، (އިމަރޖެންސީ ފަންޑް) ރުފިޔާ – 7770000141499