ރާއްޖޭގެ ރައީސް އާއި ފިފާގެ ރައީސް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު

ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވެވަޑައިގަންނަވާ ހާއްސަ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

 

މި މެޗު އޮންނާނީ އިންފަންޓީނޯގެ ޝަރަފުގައި މާދަމާ ހަވީރު 4 ން އޮރިއޮއްސި 6 ޖަހަންދެން ގަލޮޅު ދަނޑުގައި ބާއްވާ އެގްޒިބިޝަނުގެ ތެރެއިންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިހަރަކާތުގައި ރާއްޖޭގެ ޔޫތު ޓީމުތަކާއި އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅުމަށް ވަނީ ނިންމާފައެވެ.

 

ރާއްޖޭގެ ފުޓްބޯޅައިގެ މައި-އިދާރާ އެފްއޭއެމް އިން ވަނީ ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ މެމްބަރުންނާއި ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނާއި ހެޔޮއެދޭ ފަރާތްތަކައް މިހަރަކާތުގައި ބައިވެރިވުމަށް ދަނޑަށް އައުމަށް ދައުވަތު އަރުވާފައެވެ.

 

އިތުބާރުހުރި ބައެއް މަސްދަރުތަކުން ހާމަކުރާގޮތުގައި ފިފާގެ ރައީސް ރާއްޖެ ވަޑައިގަންނަވާނީ އެއްދުވަހުގެ ދަތުރުފުޅެއްގައެވެ. އަދި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ވެސް ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރުކަމުގައިވާއިރު، ފިފާގެ ރައީސްގެ މަގާމުގައި މީގެކުރިން ހުންނެވި ސެޕް ބެލްޓަރ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެއީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން 2006 ގައި ދެ ދުވަހަށެވެ.

 

 


  • ފިފާ
  • އެފްއޭއެމް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް