ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް 22 އޮކްޓޯބަރ ގައި ކޮށްފައިވާ ނަންބަރު 1/2025/109/ޕީ.އޭ.އޯ-1 (އައި.ޔޫ.އެލް) އިއުލާން ބާތިލުކުރައްވާ، މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައްވައިފިއެވެ.
އެ ޓްރައިބިއުނަލްގެ 5 މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވަނީ ނޮވެމްބަރ 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 ގެ ނިޔަލަށް މިހާރު ވަނީ އަލުން ހުޅުވާލައްވާފައެވެ.
މެންބަރުކަމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިކަމަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވާ އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމާ ގުޅޭ ފޯމުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
އެ ޓްރައިބިއުނަލް އަށް ދާދިފަހުން ވެސް ވަނީ ދެ މެމްބަރުން އައްޔަން ކުރައްވާފައެވެ. އެއީ ބ. ތުޅާދޫ، ގުލްބަހާރުގެ އަލްއުސްތާޛު އިބްރާހީމް ޢަފީފު އާއި ޓްރައިބިއުނަލްގައި ޤާނޫނީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރުކަމަށް ދ. މީދޫ، އަކިރިވިލާ އަލްއުސްތާޛާ ޝަވްފާ އިބްރާހީމްއެވެ.