ރާއްޖޭގައި ފިލްމާއި ވެބްސީރީޒް އުފައްދާ އެންމެކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކް ރެއިން އެންޓަރޓައިންމަންޓްގެ "ފެށުމާއި ނިމުން" މީޑިއާ ނެޓުގެ ވީއޯޑީގައި ޕްރިމިއަރ ކުރާ ތާރީހު ހާމަކޮށްފިއެވެ.
މީޑިއާ ނެޓުގެ އެމްއެސް ވީޑިއޯ ކުލަބުން މި ސީރީޒް ޕްރިމިއަރ ކުރުމަށް ނިންމާފައިވަނީ މި މަހުގެ 28 ވާ ހޯމަ ދުވަހުއެވެ.
މި ސީރީޒް ވެސް ލިޔެފައިވަނީ ރާއްޖޭގައި މިވަގުތު ތިބި ސްކްރީން ރައިޓަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ އެއްފަންނުވެރިޔާ ކަމުގައިވާ ޝަހުދާ މަހުމޫދުއެވެ. ޑައިރެކްޓްކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ.
ޖުމްލަ 10 އެޕިސޯޑްގެ މި ސީރީޒްގެ ލީޑް ތަރިިންނަކީ "ރޯލީމޭ" ގައި ވެސް މުހިއްމު ރޯލުތަކެއް ކުޅުނު ޝަރަފު އަބްދުﷲ (ޝަރައްޕެ) އާއި އައިމިނަތު ޝުހާ އެވެ. އަދި ޒުވާން އެކްޓަރ މޫސާ އަލީފްއާއި ހުސައިން ސާމީ އާއި ދަރާ މުހައްމަދު ރަޝީދާއި ފައިނާ އަދި މުހައްމަދު އަފްރާހް ވެސް ބައެއް މަންޒަރުތަކުން ފެންނާނެކަމަށް ޑާކްރެއިން އިން ވަނީ ހާމަކޮށްފައެވެ.
"ފެށުމާއި ނިމުން" ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަނބިކަނބަލުން އައިޝަތު ފުއާދު ތައުފީގެވެ.