ޚަބަރު ރާއްޖެ

ތޮއްޑޫ ބަނދަރު ސަރަހައްދު ސާފުކުރުމަށް ބޮޑު ތަރުހީބެއް – ރައްޔިތުންނަށް ޝުކުރު

ތޮއްޑޫ ބަނދަރު ސަރަހައްދު ސާފުކުރުމުގައި ބައިވެރިވި ބައެއް މީހުން - ފޮޓޯ: ހޯޕް ޖަމްއިއްޔާ

އއ. ތޮއްޑޫ ބަނދަރު ސަރަހައްދު ސާފުކުރުމަށް މިއަދު ބޭއްވި ހަރަކާތައް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު، އެރަށު ހޯޕް ޖަމްއިއްޔާ އިން ބުނެފިއެވެ.

 

'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން އެ ޖަމްއިއްޔާގެ އޮފިޝަލެއް ވިދާޅުވީ މިއަދު ހަވީރު 4:30 ން 5:30 އަށް ކުރިއަށްގެންދިޔަ މި ހަރަކާތަށް އެރަށުގެ 'ފައި އިނދޭފުރާއިން' މީހުން އައި ކަމަށެވެ.

 

އެގޮތުން އެރަށުގެ ސަރުކާރުގެ މުއައްސަސާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސްކޫލާއި ސިއްހީ މަރުކަޒު އަދި ކުލަބު ޖަމްއިއްޔާތަކުން ބައިވެރިވެފައިވާކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި ހުރި ގެސްޓްހައުސްތަކުންނާއި އެކި މަސައްކަތްތަކުގައި އެރަށުގައި އުޅޭ ބިދޭސީން ވެސް ޢަމަލީގޮތުން ބައިވެރިވި ކަމަށް ވަނީ ވިދާޅުވެފައެވެ.

 

މިއަދުގެ ހަރަކާތުގައި ގާތްގަޑަކަށް 6 ޖަމްބޯގެ ކުނި ނަގާފައިވާކަަމަށް އެ ޖަމްއިއްޔާ އިން ހާމަކުރައްވައެވެ.

 

'ހަގީގަތުގަ ވަރަށް ބޮޑު ތަރުހީބެއް ލިބުނު. މިކަމުން އަސްލު ދައްކައިދެނީ މިރަށުގައި ރައްޔިތުންގެ އެއްބައިވަންތަކަން އަދިވެސް އޮތްކަން. އެކަމަށްޓަކައި ހާއްސަކޮށް މި ހަރަކާތުގައި ބައިވެރިވީތީ ހުރިހާ ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރިއްޔާ."

 

 

އެރަށު ބަނދަރު ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް މިބޭއްވީ މިއަހަރުގެ ކުޑަކުދިންގެ ދުވަސް އެތަނުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާތީއެވެ. އަދި މިއަހަރުގެ ލޭބަރ ޑޭ (މަސައްކަތްތެރިންގެ ދުވަސް) ފާހަގަކުރުމުގެ ގޮތުން ހިންގި ހަރަކާތެކެވެ.

 

އާބާދީގައި ގާތްގަޑަކަށް 1534 މީހުން ދިރުއުޅޭ ތޮއްޑުއަކީ ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ހާއްސަކޮށް ރަމަޟާން މަހު ރާއްޖޭގެ ބާޒާރަށް ކަރާ ނެރުމުގައި އެރަށް ފާހަގަކޮށްލެވެއެވެ. އަދި ރާއްޖޭގައި ލޯކަލް ޓޫރިޒަމް ތައާރަފްވުމާއެކު އެދާއިރާ އިން ވެސް އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ.

 


  • ތޮއްޑޫ
  • ކޮމެންޓް