ތޮއްޑޫ ސާފުކުރުމުގެ ހަރަކާތުގައި އެއްކުރި ކުނި އުކާލުމަށް އިތުރު ދުވަހެއް

އއ. ތޮއްޑޫ ރަށުތެރެ ސާފުކުރުމުގެ ހަރަކާތުގައި އެއްކުރި ކުނި އުކާލުމަށް އިތުރު ދުވަހެއް ހަމަޖެއްސުމަށް ނިންމައިފިއެވެ.

 

މި ހަރަކާތް އިސްނަގައިގެން ކުރިއަށްގެންދިޔަ އެރަށު ހޯޕް ޖަމްއިއްޔާ އިން 'އޮއިވަރު' އަށް މައުލޫމާތު ދެއްވި ގޮތުގައި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްގެ ސުންގަޑި ހަމަވިއިރު، ބައެއް ގެތަކުގެ ކުނި ވަނީ އުކާނުލެވިއެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި މިކަހަލަ އިތުރު ޕްރޮގްރާމްތަކެއް އިންތިޒާމް ކުރުމަށް ނިންމާފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.

 

އެރަށުން ޑެންގޫގެ 58 ކޭސް ފެނުމާއި ގުޅިގެން ރަށުތެރެ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔައީ މި މަހުގެ 3 ން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4 ޖަހަންދެނެވެ. މިއީ އެ ޖަމްއިއްޔާ އާއި އެރަށު ސިއްހީ މަރުކަޒު ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

 

ހޯޕް ޖަމްއިއްޔާ އިން ވަނީ މިދުވަސްވަރަކީ އެރަށުގައި އާދަޔާހިލާފަށް މަދިރި ގިނަ ދުވަސްވަރެއްކަން ފާހަގަކޮށް، ފެން ހަރުލާގޮތަށް އެއްވެސް އެއްޗެއް ނުބެހެއްޓުމަށް އެދިފައެވެ. އަދި ދިޔަދޮވި ފަދަ ތަންތަން ވެސް ރަނގަޅަށް ސާފުކުރުމަށް ވެސް އެދިފައި ވެއެވެ.

 

މީގެއިތުރުން ފެން ހަރުލާގޮތަށް އެއްވެސް އެއްޗެއް ނުބެހެއްޓުމަށާއި މަދިރިން ސަލާމަތްވުމަށް ފަރުދީގޮތުން ކުރެވިދާނެ ކަންކަން ކުރުމަށް އެދިފައި ވެއެވެ.

 


  • ތޮއްޑޫ
  • ކޮމެންޓް