އަވަށްޓެރި ސްރީލަންކާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ސުޕަރ ކަޕް ކާމިޔާބުކުރި ގައުމީ ޓީމު ރާއްޖެއައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެޓީމަށް މަރުހަބާ ކިޔާފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ އިސްފަރާތްތަކާއި ކުޅިވަރު ދާއިރާގެ އިސްފަރާތްތަކެވެ. އަދި ކަމިޝަނަރ އޮފް ސްޕޯޓް މުޙައްމަދު ތޮލާލްލާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިޤު ވެސް ވަނީ ދިވެހި ޓީމަށް މަރުހަބާ ދަންނަވާފައެވެ.
ޒަމާންތަކަކަށްފަހު ފުޓްބޯޅައިން ރާއްޖެއަށް ރަން ވަނައެއް ހޯދައިދިން މި ޓީމުގެ ޝަރަފްގައި ވަނީ ހާއްސަ އައިޓަމެއް ހުށަހަޅައިދީފައެވެ. ރަސްމީކޮށް މަރުހަބާ ކިޔުމަށް ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.
ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ފުރަތަމަ ލެގުގެ މެޗު ރާއްޖެއިން 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ދެވަނަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.