މިއަދުގެ މެޗު ކުޅޭނީ ގައުމީ ފަހުރަށް، 12 ވަނަ ކުޅުންތެރިޔާގެ އެހީތެރިކަން ބޭނުންވާނެ: މޯހަން

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ތަޖިކިސްތާނު މިއަދު ބައްދަލުކުރާ މެޗު ކުޅޭނީ ގައުމީ ފަހުރަށް ކަމުގައި ދިވެހި ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ވިދާޅުވެއްޖެއެވެ.

 

މިއަދުގެ މެޗަކީ ދިވެހި ސަޕޯޓަރުންގެ އުއްމީދުތަކާ ވެސް ގުޅިފައިވާ މެޗެއްކަން ފާހަގަކޮށް ކޯޗު ވިދާޅުވީ އަމިއްލަ ދަނޑުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނަސް މިހާތަނަށް ދިވެހި ޓީމަށް ޕޮއިންޓެއް ލިބިފައި ނުވުމަކީ ވަރަށްބޮޑު ޕްރެޝަރއެއް ކަމަށެވެ.

 

" ހޯމް މެޗެއް ކުޅެ ނަތީޖާއެއް ލިބިފަ އޮތްނަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކުޅުންތެރިންނަށް ލިބިގެންދާނެ. ވަރަށް ބޮޑު އިތުބާރެއް ލިބިގެންދާނެ. އެހެންނަމަވެސް އެކަހަލަ އެއްވެސް ކަމެއް ނެތި މިހުންނަން ޖެހެނީ"

 

މީގެއިތުރުން އިދިކޮޅަށް ނުކުންނަ ތަޖިކިސްތާނުން ގްރޫޕުގެ އެއްވަނައިގާ އޮތުމާއި ފައިނަލް ބުރުގެ ޖާގަ ކަށަވަރުކުރުމަށް އެޓީމަށް ވެސް މިއީ މުހިންމު މެޗެއްކަން ފާހަގަކޮށް، މޯހަން އިތުރަށް ވިދާޅުވީ އެންމެ ކުޑަމިނުން ސުން ކަނޑުވާލުމަށް ކުރާ އުންމީދު ބޮޑުކަމަށެވެ. އަދި ކުޅުންތެރިންނާމެދު ފުރިހަމައަށް އިތުބާރު އޮތްކަމަށް ވެސް ވިދާޅުވިއެވެ.

 

މި މެޗަށް ރާއްޖެ ނުކުންނައިރު، ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ޓޭބަލުގެ އެންމެފަހަތުގައި އޮތީ ރާއްޖެއެވެ. 7 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގާ ތަޖިކިސްތާން އޮތްއިރު، ދެވަނައިގާ އޮތީ ފިލިޕީންސްއެވެ.

 

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން އަންނަ ނޮވެމްބަރ މަހު 18 ވަނަ ދުވަހު، ޕިލިޕީންސްއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، މި ދެޓީމު މީގެކުރިން ކުޅުނު މެޗު 1-4 ން ލާމިޔާބުކުރީ ޕިލިޕީންސްއެވެ.

 


  • އެފްއޭއެމް
  • ގައުމީ ފުޓްބޯޅަ ޓީމު
  • ކޮމެންޓް