އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ތަޖިކިސްތާނުން ކާމިޔާބުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކޮށް މި މެޗު ތަޖިކިސްތާނުން ކާމިޔާބުކުރީ 0-3 ލަނޑުންނެވެ. ގްރޫޕް އޭގެ މި މެޗުގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ދިވެހި ޓީމުގެ އޭރިއާ ތެރެއިން ޑިފެންޑަރު މުހައްމަދު އިރުފާން އަތުގައި ޖެހުނު ބޯޅައާއެކު ތަޖިކިސްތާނަށް ލިބުނު ޕެނަލްޓީއަކުންނެވެ.
ތަޖިކިސްތާނުގެ އުމަރްބައެވް ފޮނުވާލި ޕެނަލްޓީ ކީޕަރު ފައިސަލް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭރިއާ ތެރެއަށް ވެއްޓުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ޑިފެންޑަރު ސަފަރޮވްއެވެ. އެޓީމުގެ ދެވަނަ ގޯލު 34 ވަނަ މިނެޓުގައި ލިބުނު ހުސްފުރުސަތަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ޝެރްވޮނީ އެވެ. ތިންވަނަ ގޯލު ވެސް ޖަހައިދިނީ ޝެރްވޮނީއެވެ.
މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ތަޖިކިސްތާން ވަނީ މި ގްރޫޕްގައި 10 ޕޮއިންޓް ހަމަކޮށް 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ޖެހިލާފައެވެ. މި ގްރޫޕްގައި ދިވެހި ޓީމުން ކުޅުނު 4 މެޗުން ވެސް ވަނީ ބަލިވެފައެވެ. ދިވެހި ޓީމަށް ދެން އޮންނާނީ މިއަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފިލިޕީންސް އާއި ބައްދަލުކުރާ މެޗެވެ. މިމެޗު ވެސް ކުޅޭނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.